ވިޔަފާރި
ބީއެމްއެލްއިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ތައާރަފްކޮށްފި
ބީއެމްއެލްއިން ވަނީ ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންއެއް ތައާރަފްކޮށްފައި - ފޮޓޯ/ބީއެމްެއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއެއް މިއަދު ތައާރަފުކޮށްފި އެވެ.

މި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިން ލިބޭނެ ކަމަަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ފައިނޭންސިން ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބިގެންދާނެ ކަމަށެވެ.

"ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށެވެ. މި ފައިނޭންސިން އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ," ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ އެ ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ހޯދައިދޭން ކަމަށެވެ.

މީގެ އިތުރުން، ބީއެމްއެލްއިން އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްގީކުރުމުގެ ލޯނު، ފައިނޭންސިން، އެސްއެމްއީ ފައިނޭންސިން، ޓްރޭޑް ފައިނޭންސް އަދި ވޯކިން ކެޕިޓަލް ފޯރުކޮށްދޭނެކަން ވެސް އެ ބޭންކުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު