ވިޔަފާރި
ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތައާރަފުކޮށްފި
ބީއެމްއެލް އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފްކުރުން. --ފޮޓޯ: ބީއެމްއެލް
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓް ތައާރަފުކޮށްފި އެވެ.

އެކަމަށްޓަކައި ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގެސްޓު ހައުސް ފައިނޭންސިންއަކީ މިހާރުވެސް ބޭންކުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް ހއ. އަތޮޅުގައި ޓޫރިޒަމަށް ފަހި ފުރުސަތެއް އޮތް ކަމަށް ދެކިގެން، ބޭންކުން އެ ފުރުސަތު ފަހިކޮށްދެނީ ފަހުގެ ބަދަލުތަކަކާ ވެސް އެކު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ޚިދުމަތުގެ ދަށުން ގެސްޓު ހައުސް ވިޔަފާރި އަލަށް ފެށުމަށް ބޭނުންވާ ނުވަތަ ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ފައިނޭންސިންގައި ބޭންކުން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ ކަމަށާއި އެއީ ލިބޭނެ ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"5 އަހަރު ތެރޭ 400 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ފައިނޭންސްކޮށްދެވިފައިވާނެ، ރިސޯޓު ތަރައްޤީއަށް، މިކަމުންވެސް ދައްކައިދެނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ފައިނޭންސިންގއާ ގުޅޭ މައުލޫމާތު އެ އަތޮޅުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ބޭންކުގެ ފަރާތުން ޓީމުތައް ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބީއެމްއެލްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ދާދި ފަހުން ބީއެމްއެލް އިން ވަނީ ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް، ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ބޭންކުން ވަނީ ހަމަޖައްސައިދީފަ އެވެ.

ބީއެމްއެލް އިން މިއަދު ވަނީ ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ވެސް ފަށައިފަ އެވެ.

ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ހިދުމަތާ އެކު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު