ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ
އަލީ ރާޒީ
28 މާޗް 2025 - 16:55
0 comments

ތައިލެންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގުޅަން ފޮރިން މިނިސްޓްރީން މިއަދު އެދެފިއެވެ.
ރާއްޖޭގެ ގަޑިން މިއަދުގެ ހެނދުނު 10:30 ގައި 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވި އެވެ.ފޮރިން މިނިސްޓްރީން ވެސް ބުނީ، ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައި ކަމަށެވެ."އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މިދަނީ މަސައްކަތް ކުރަމުންނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ވިދާޅުވި ގޮތުން ނަމަ އެމްބަސީގައި 150 އެއްހާ މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ. އެ އެންމެންނަށް ގުޅައިގެން ހާލު ބެލުން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.ބެންކޮކްގައި ދިރިއުޅޭ ދިވެއްސެއް ބުނި ގޮތުގައި ބިން ހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓި މުޅި ސިޓީގެ ހާލަތުވެސް މި ވަގުތު އޮތީ ގޯސްކޮށެވެ.
ބެންކޮކްއަށް މިއަދު އައި ބިންހެލުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓަރން ޝިނާވަޓްރާ ވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާނުކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online