ޚަބަރު
ގާޒާއިން ރައްޔިތުން ބާލައި، އިޒްރޭލުގެ އިސްތިއުމާރީ ޕްލޭން ރާއްޖޭން ކުށްވެރިކޮށްފި
އިޒްރޭލުގެ އިންޒާރާ އެކު ގާޒާގެ އާންމުން ރައްކާތެރި ހިސާބަކަށް ދާން ދަތުރުކުރަނީ. - ފޮޓޯ: އޭއެފްޕ
ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށާއި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ރޭ ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުރުމާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުގާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމަށް ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.

"އަދި މިފަދަ އަމަލުތަކަކީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ގާއިމުކުރެވުމުންކަމުގައި ރާއްޖޭން ބުނާ ބުނުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ތަކުރާރުކުރައްވާފަ އެވެ.

ފަލަސްޠީނުގެ ގާޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުއާންމު އަލުން ފަށައި، އެ ސަހަރުގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ހަމަލާތައް ދަނީ ދެމުންނެވެ. ޔަހޫދީންގެ ލާއިންސާނީ އުދުވާންތައް އަލުން ފެށުމާއެކު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން މިވަނީ ނިމުމަކަށް އައިސްފަ އެވެ. 

މި މަހު 18 ވަނަ ދުވަހު ގާޒާއަށް ދިން ހަމަލާތަކުގައި 412 މީހުން ޝަހީދުކޮށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ. މިއާއެކު ޣައްޒާގެ ބޮޑު ބައެއްވަނީ ގާޒާގެ އާންމުންގެ ލޭގެ ކޯރަކަށް ހަދާލާފަ އެވެ. ގާޒާގެ އެތަންމިތަނުން ފެންނަނީ ޝަހީދުކޮށްލާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިތަކާއި ޒަހަމުކޮށްލުމުގެ ސަަބަބުން ފަރުވާނުދެވި ރޮއި ވޭން އުފުލަމުންދާ މީހުންގެ ގިސްލުމުގެ އަޑުތަކެވެ.

ގާޒާއަށް ހަމަލާ ދިނުން ހުއްޓާލަން އެކި ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް އިޒްރޭލުން ކުރިއެކޭ އެއްގޮތަށް އެއިން އެއްވެސް ވާހަކައެއް އަޑެއް ނާހަ އެވެ. އަނެއްކޮޅުން ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން އަދިވެސް އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު