ދުނިޔެ
އެމެރިކާގެ އެހީގައި ގާޒާއަށް ދޭ ހަމަލާތައް އަދިވެސް ވަރުގަދަކުރަނީ
15 މަސް ދުވަސް ވަންދެން ޔަހޫދީން ގާޒާއަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތައް ގާތްގަނޑަކަށް ދެ މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަަހު، އަލުން ދޭން ފަށާފައިވާ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

އިޒްރޭލުގެ އެކުވެރި އެމެރިކާއިން ބުނީ އިޒްރޭލުން އަލުން ހަމަލާތައް ފެށީ އެކަން ކުރިން އެމެރިކާއަށް އެންގުމަށް ފަހު ކަމަށެވެ. އަދި މި ހަމަލާތައް ކުރިއަށްދަނީ އެމެރިކާގެ ވެސް ބެލުމުގެ ދަށުން ކަމަށް ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު އަލުން ހަމަލާދޭން ފެށި ފަހުން މިހާތަނަށް 700 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވާ ކަމަށާއި ހަމަލާތައް ފުޅާކޮށް ވަރުގަދަކުރަމުން ދާތީ މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

މާރިޗު މަހުގެ 19ވަނަ ދުވަހު ޔަހޫދީން ދިން ހަމަލާތަކުގައި އދގެ މަރުކަޒަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އެ ހަމަލާގައި އދގެ ބޭރު ގައުމަކަށް ނިސްބަތްވާ މުވައްޒަފަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު ފަސް މުވައްޒަފުންނަށް ވަނީ ޒަހަމް ވެފައެވެ. 

އިޒްރޭލްގެ ސިފައިންގެ ފަރާތުން ޓެލެގްރާމްގައި ބުނެފައިވަނީ ހަމާސްއަށް ނިސްބަތްވާ "ޓެރަރިސްޓުންގެ މަގާމްތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދެމުންދާ" ކަމަށެވެ.

މި ހަމަލާތަކުގެ ރައްދުގައި ހަމާސްއިން މިހާރު ވަނީ އިސްރާއީލަށް ފުރަތަމަ ރޮކެޓް ހަމަލާ ދީފަ އެވެ. އަދި ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް، ހޫޘީން ވެސް ވަނީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ދެކުނުގައި އޮންނަ އަސްކަރީ ސަރަހައްދަކަށް މިސައިލް ފޮނުވާފައި ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ގާޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ގާތްގަޑަކަށް 49،617 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. ހަމަލާތަކުގައި 112،950 މީހުން ވަނީ ޒަހަމްވެފައި ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެ އެވެ. އެކަމަކު ގާޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނާ ގޮތުގައި އެ މީހުންގެ ހިސާބުތަކުން، 61،700 މީހަކު ޝަހީދުވި ކަމަށް ދައްކަ އެވެ. އެއީ އެތައް ހާސް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެ އަދިވެސް ނުފެންނައިރު އެ މީހުން މަރުވެފައިވާ ކަމަށް ބެލެވޭތީ އެވެ. 

އިޒްރޭލަށް ދިން ހަމަލާގައި ހަމާސް އިން ރަހީނުކުރި 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ތިބީ ގާޒާގައި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު