ޚަބަރު
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރުގެ ބިންގާ އަޅައިފި
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ގާއިމުކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލެ ތިނެއްގައި ތަރައްގީކުރާ މި މަރުކަޒަކީ މިއީ ރާއްޖޭގައި އަޅާ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ބިންގާގެ ރަމްޒީ ޕްލާގު އިފްތިތާހްކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މާލީ މަރުކަޒަށް ހަރަދު ކުރާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން އީދް އަލް ޘާނީ އެވެ. 

އެމްއައިއެފްސީން ބުނީ، އެ ތަނުގައި ހަރަކާތްތެރިވާ ކުންފިތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށާއި، ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށެވެ. ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި އެ ސެންޓަރު ގާއިމުކުރަން ދީފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެން ކަމަށް އެމްއައިއެފްސީން ބުނެއެވެ.

މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ ޒޯނެކެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤުތިސޯދު ފުޅާކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުސްތަޤުބަލުގެ މާލީ ދާއިރާ ގާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު