ޚަބަރު
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް؛ ފަތްކޮޅު ރައީސަށް އަރުވައިފި
ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހުއާ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސް ވަނީ ސަފީރަށް ދިވެހިރާއްޖެއަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ސަފީރު ކޮންގް ވަނީ ހާރިޖީ ވަޒީރު ހަލީލު އާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޗައިނާއިން ސަފީރުން އައްޔަންކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ. މީގެކުރިން ޗައިނާއަށް ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު، ވާންގް ލީޖިން އެނބުރި ގައުމަށް ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އައު ސަފީރު ކޮންގް މީގެ ކުރިން އަދާކުރެއްވީ މުމްބާއީގައި ހުންނަވާ ޗައިނާގެ ކައުންސިލާ ޖެނެރަލްގެ މަގާމެވެ. އެ މަގާމުގައި އޭނާ ތިން އަހަރު ހޭދަކުރެއްވި އެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 14 އޮކްޓޯބަރު 1972 ގައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު