ޚަބަރު
ޗައިނާ އެފްޓީއޭގެ ދަށުން ދުންފަތް އެތެރެ ނުކުރެވޭނެ
ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ލިޔުމުން މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުއިދު ވިދާޅުވީ ޗައިނާ އާއެކު ހަދާފައި އޮތް އެއްބަސްވުމުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މައާފެއް ނުވާނެ ކަމަށެވެ.

"ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުން ޑިއުޓީ ނަގަ އެވެ، ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭނެ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓު އެތެރެ ކުރާ މިންވަރެއްގެ މައްޗަށެވެ،" ސައީދު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އެފްޓީއޭއަށް އަމަލު ކުރަން ފެށުމާ އެކު ތަކެތީގެ އަގު ބޮޑުތަނުން ހެޔޮވާނެ ކަމަށް މީގެ ކުރިން ސައީދު ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތް ކުރައްވާ މެންބަރު ވަނީ އެފްޓީއޭގެ ފުރަތަމަ ފަސް އަހަރު އިމްޕޯޓު ޑިއުޓީން ގެއްލޭނެ މިންވަރާ ގުޅޭ ގޮތުން ވެސް ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން އެތެރެކުރާ މުދަލުގެ އަގަށް ކަމަށެވެ. އެ އަދަދު އެނގޭނީ އެ މުއާމަލާތް ހިނގައި ނިމުމުން ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 7 ޑިސެމްބަރު 2017ގަ އެވެ. އެ އެއްބަސްވުމަށް އަމަލު ނުކޮށް އޮންނަތާ ހަތް އަހަރު ފަހުން އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވަނީ މި އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު