ބްރޯޑްކޮމްގައި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ކަމަށް ބުނެ މުވައްޒަފުންގެ ޕެޓިޝަނެއް
ފަސްޓްލޭޑި ސާޖިދާ އަދި ބްރޯޑްކޮމްގެ މެމްބަރުން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ބްރޯޑްކޮމްގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދީ އެ މައްސަލަ ބަލައިދިނުމަށް އެދި ޕެޓިޝަނެއް ހުށަހެޅީ އެ ކޮމިޝަނުގައި މަސައްކަތްކުރާ 17 އަށްވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު އެވެ.

އެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު މި ޕެޓިޝަން އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.

އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތްއިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ވެ އެވެ.

ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކޮމިޝަނަރުންގެ މެމްބަރުންގެ ފަރާތުން އެ ތަނުގެ މުވައްޒަފުންވަނީ އެ ކަންތައްތައް ހައްލުކޮށްދިނުމަށް އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބްރޯޑްކާސްޓް ދާއިރާ ތަރައްގީ ކުރުމަށް ޕޮލިސީ ލެވެލްގައި ހަރުދަނާ މަސައްކަތްކުރުން
  • ނުފޫޒު ނުފޯރުވައި، ތަނުގެ ވެރިންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ދިނުން
  • ކޮމިޓީ ތަކުގައި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތައް ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރުން
  • ރުޅިވެރިކަމާއި، ޒާތީ ވުމާއި މުވައްޒަފުންނާ ޖައްސާލުމާއި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ކުރާ ގޯނާ ހުއްޓާލުން
  • މުވައްޒަފުން ލައްވައި އިތުރުގަޑީގައި ގޭގައި މަސައްކަތް ކުރުވާނަމަ އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހުރިކަން ޔަގީންކޮށް، އެ ކަމަށް ދޭންވާ ހައްގު އުޖޫރަ ދެވޭނެކަން ކަށަވަރުކުރު ކުރުން
  • ރާއްޖޭގައި އަމަލުކުރަމުންދާ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސާއި ނައިބު ރައީސާއި މެންބަރުން މިހާރަށްވުރެ ފުޅާކޮށް ހޭލުންތެރިވުން
އެ ޕެޓިޝަނުގައި އެދިފައިވަނީ މަޖިލީހުން މި ކަން ބަލައިދީ، ރަނގަޅު ހައްލުތަކެއް ގެނެސްދިނުމަށެވެ.

"ގާނޫނު އަސާސީގެ 27ވަނަ މާއްދާއާއި ރާއްޖޭގައި އަމަލުކުރަމުންދާ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސް، ނައިބު ރައީސް، އަދި ބައެއް މެމްބަރުން މިހާރަށްވުރެ ފުޅާކޮށް ހޭލުންތެރިކުރުވާން އެދެން،" ޕެޓިޝަނުގައި ވެއެވެ.

ކޮމިޝަނުގެ ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ ސަފާ ޝަފީގް އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއީ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު