ޚަބަރު
ފަރުހާދާއި ނިޔާޒުގެ މައްސަލައެއް ޖޭއެސްސީއަށް
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (ކ) އަދި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ގުޅޭ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެ ކޮމިޝަންގައި އޮންނަ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މަސައްކަތް ފަށައިފި އެވެ.

ފަނޑިޔާރު ނިޔާޒާއި ފަރުހާދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިދިޔަ ހަފްތާގެ ތެރޭގައި ވަކިކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ޖޭއެސްސީ އިން ބަލައި އެ ދެ ފަނޑިޔާރުން ވަކިކުރަން ފެނޭތޯ ނެގުނު ވޯޓުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ދެ ބޭފުޅުންނެވެ.

ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރެވެ. އަދި ގާޒީ ފަރުހާދަކީ ސިވިލް ކޯޓުގެ ގާޒީންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ގާޒީ އެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ނިޔާޒާ ގުޅޭ ގޮތުން ޖޭއެސްސީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އޭގެ ތެރޭގައި އޭނާ މެޖިސްޓްރޭޓް ކަން ކުރެއްވި ދުވަސްވަރުގެ މައްސަލައެއް ވެސް ހިމެނެ އެވެ. މި ދެ މައްސަލައަކީ ވެސް މީގެ ކުރިން ޖޭއެސްސީން ނުބަލަން ނިންމާފައިވާ ދެ މައްސަލަ އެވެ.

ގާޒީ ފަރުހާދާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅީ، އެނގިފައިވާ ގޮތުގައި ޑިސްޕިއުޓް މަރުހަލާގައި ނިންމި ނިންމެއްގައި އޮތް ލިޔުމުގެ ކުށެއްގެ މައްސަލައެކެވެ. އެކަން ހައި ކޯޓުގެ ސަމާލުކަމަށް ވެސް އެ ދުވަސްވަރު ގެނައުމާ އެކު، ގާޒީ ފަރުހާދު ކުރެއްވި ހުކުމުގައި އޮތީ ލިޔުމުގެ ކުށެއް ކަމަށް އެ ކޯޓުން ވެސް ނިންމި އެވެ. އަދި ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ފަހުން އެ ނިންމުމުގައި ޖެހުނު ކުށް ވެސް ސިވިލް ކޯޓުން އިސްލާހުކުރި ކަމަށް އެނގިފައި ވެ އެވެ. އަދި އެއީ ވެސް ޖޭއެސްސީން ކުރިން ގޮތް ކަނޑައަޅާފައި އޮތް މައްސަލައެކެވެ.

އެކަމަކު، މި ތިން މައްސަލައެއް ވެސް އަނެއްކާވެސް މިހާރު އޮތީ ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގަ އެވެ. އެ ކޮމިޓީން ވަނީ ފަނޑިޔާރު ނިޔާޒާއި ގާޒީ ފަރުހާދުގެ ފަރާތުން މައްސަލައާ ގުޅޭ މައުލޫމާތުތައް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސާފުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމަން ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅަން އެ ކޮމިޓީން ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު