ޚަބަރު
ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މުވައްޒަފުން ވަކިކުރުމުން ފެނަކައާ ދެކޮޅަށް ކޯޓަށް
ހޯރަފުށީ ކައުންސިލްގެ އިސްވެރިން
ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ބުނެފި އެވެ.

ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ބޮޓްލިން ޕްލާންޓު ހުޅުވުމާ ގާތްވެފައިވަނިކޮށް، އެ ތަނުގެ މަސައްކަތް ހުއްޓުވައި، މުވައްޒަފުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. މިއީ ޕްރޮޖެކްޓުތައް ނުހުއްޓުވާނެ ކަމަށާއި، މުވައްޒަފުން ވަކިނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދާ ޚިލާފަށް، ރައްޔިތުން ނިކަމެތި ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ކައުންސިލުން ބުނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، އަންނަ މަހުގެ ތެރޭގައި، އެ ތަނުގެ އޮޕަރޭޝަންސް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔަޑް މުހައްމަދު ނަޖާހު ދެއްވާފައިވާ ކަމަށެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް ގޮވައިލިއެވެ.

މިއީ އެ ކައުންސިލުން ފެނަކައާއެކުވީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ، އެ ކަމުގައި އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައިވެ އެވެ.

ހޯރަފުށިން ފެނަކަ ގޮވައިގެން ކޯޓަށްދާން ނިންމާފައި ވާއިރު، ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުދިނުމުގައި ފެނަކައިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދަން ދެކޮޅު ހަދާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފައެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު