ޚަބަރު
ބޮޓްލިން ޕްލާންޓު ހުއްޓާލާތީ ހޯރަފުށީގައި މުޒާހަރާ ކުރަން ނިންމައިފި
ހއ. ހޯރަފުށީގައި ހަދާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ސަރުކާރުން ހުއްޓާލާ އެ ތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވަޒީފާއިން ވަކިކުރާތީވެ އެކަމާ ދެކޮޅަށް އަޑުއުފުލަން "ސުލްހަވެރި" މުޒާހަރާ އެއް ހޯރަފުށީގައި އިންތިޒާމް ކޮށްފި އެވެ.

މި މުޒާހަރާ އިންތިޒާމް ކުރާ މީހުން ބުނީ މި އެއްވުމުގެ ބޭނުމަކީ ރަށުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހިމާޔަތް ކުރުން ކަމަށެވެ. 

"ނިކަމެތި ނުކުރޭ" ނަމުގައި ބާއްވާ މި މުޒާހަރާ އޮތީ މިއަދު ހަވީރު 4 ޖަހާއިރު ހޯރަފުށީ ފެނަކަ އޮފީސް ކުރިމަތީގައި އެވެ.

ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ބޮޓްލިން ޕްލާންޓު ހުޅުވުމާ ގާތްވެފައިވަނިކޮށް، އެ ތަނުގެ މަސައްކަތް ހުއްޓުވައި، މުވައްޒަފުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. މިއީ ޕްރޮޖެކްޓުތައް ނުހުއްޓުވާނެ ކަމަށާއި، މުވައްޒަފުން ވަކިނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދާ ޚިލާފަށް، ރައްޔިތުން ނިކަމެތި ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ކައުންސިލުން ބުނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، އަންނަ މަހުގެ ތެރޭގައި، އެ ތަނުގެ އޮޕަރޭޝަންސް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔަޑް މުހައްމަދު ނަޖާހު ދެއްވާފައިވާ ކަމަށެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް ގޮވައިލިއެވެ.

މިއީ އެ ކައުންސިލުން ފެނަކައާއެކުވީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ، އެ ކަމުގައި އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައިވެ އެވެ. 

މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ.

"ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ. 

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު