ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް އަންނަ މަހު ފަށާނެ: ފެނަކަ
ހަސަން ހަލީމް
12 ޖޫން 2025 - 16:42
0 comments
ހއ. ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ އިމާރާތް
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެ މަސައްކަތް މިވަގުތު ހުއްޓިފައި އޮތަސް އަންނަ މަހު އަލުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ރޭ ބުނެފި އެވެ.
ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ބޮޓްލިން ޕްލާންޓު ހުޅުވުމާ ގާތްވެފައިވަނިކޮށް، އެ ތަނުގެ މަސައްކަތް ހުއްޓުވައި، މުވައްޒަފުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. މިއީ ޕްރޮޖެކްޓުތައް ނުހުއްޓުވާނެ ކަމަށާއި، މުވައްޒަފުން ވަކިނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދާ ޚިލާފަށް، ރައްޔިތުން ނިކަމެތި ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.އެ ކައުންސިލުން ބުނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، އަންނަ މަހުގެ ތެރޭގައި، އެ ތަނުގެ އޮޕަރޭޝަންސް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔަޑް މުހައްމަދު ނަޖާހު ދެއްވާފައިވާ ކަމަށެވެ.ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް ގޮވައިލިއެވެ.މިއީ އެ ކައުންސިލުން ފެނަކައާއެކުވީ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމަކަށްވާތީ، އެ ކަމުގައި އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައިވެ އެވެ. ފެނަކަ ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރު ހޯރަފުށީ ކައުންސިލުން ދިނުމާއި ގުޅިގެން ރޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ.ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ.ފެނަކަ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ."ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު