ވިޔަފާރި
ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑު: ފިޗު ރޭޓިން
ދިވެހިރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުކަން ފާހަގަކޮށް، އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވެސް ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން މިއަދު ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.

މިފަހަރު ވެސް އެ "ޖަންކް" ރޭޓިން ފިޗުން ދެމެހެއްޓީ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކުރަމުންނެވެ. އެގޮތުން، މިއަހަރުގެ ދެވަނަބައިގައި 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އަންނަ އަހަރު ދަރަނި ސާވިސް ކުރަން 1.1 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ފިޗުން ބުނެފައި ވެ އެވެ.

އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ނުހިމަނައި ރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި ހުރީ 28 މިލިއަން ޑޮލަރު ކަމަށް ރޭޭޓިން ކޮމެންޓްރީގައި ބުނެފައި ވެ އެވެ.

ފިޗުން ވަނީ ބޭރުގެ ދަރަނި ދެއްކުމަށް ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، ދަރަނި އަދާކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް އިތުރަށް ދަށްކުރަން ވެސް ފިޗުން ލަފާދީފައިވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވެސް މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ލަފަޔާ އެއްގޮތަށް މި ސަރުކާރުން ޚަރަދު ކުޑަކުރަން އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި އެ ފިޔަވަޅުތައް ނާޅައިކަމުގެ ކަންބޮޑުވުން ފިޗުގެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
ދަރަނީގެ ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް ދަރަނި ނުދެއްކި ބަނގުރޫޓުނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ވެސް ބަނގުރޫޓުނުވެ ގައުމު ސަލާމަތްކުރުން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު