އަބްދުﷲ މައުރޫފް
14 އޮކްޓޫބަރ 2026 - 11:13
0 comments
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ. 
އެމްއެމްއޭ އިން ބުނި ގޮތުގައި އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށްޓަކައި އެ އޮތޯރިޓީން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަލުން ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ "ޖުލައި 31، 2025، 6 ޞަފަރު 1447" ކަމަށާއި އަދި އެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ގަވަރުނަރު އަހްމަދު މުނައްވަރު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މިއަދު ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީސްގެ ފަސް ރުފިޔާ 2017 ގައި ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.
މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާ ނޫޓުތަކުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނޫޓާ އެކު މިހާރު ދައުރުވަމުން އަންނަ ފަސް ރުފިޔާގެ ނޫޓު ވެސް ބޭނުންކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.