ޚަބަރު
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ވިއްކާ 1،000 ޑޮލަރު ހަ ގައުމަކަށް ހާއްސަކޮށްފި
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު އެމްއެމްއޭއިން ވިއްކާ 1،000 ޑޮލަރު ހަ ގައުމަކަށް ހާއްސަކޮށް، އެ ގައުމުތައް އިއުލާންކޮށްފި އެވެ. 

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އިއްޔެ ގެނައި މި ބަދަލާއެކު ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި 1000 ޑޮލަރު ދޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން މި އުސޫލު އޮންނަ ގޮތުން ކޮންމެ ގައުމަކަށް ދާ މީހަކުވެސް ހޮސްޕިޓަލްގެ އެޕޮއިންޓްމަންޓެއް ގެނައުމުން 1،000 ޑޮލަރު ވިއްކަ އެވެ. މި އުސޫލު މިގޮތަށް އޮތުމުން ކޮންމެ ގައުމަކަށް ދިޔަނަމަވެސް ގިނަ ބަޔަކު ދިޔައީ މި ޑޮލަރު ނަގަމުންނެވެ.

އެމްއެމްއޭއިން މިއަދު ގެނައި ބަދަލާއެކު އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ދިވެހީންނަށް ދޭ 1000 ޑޮލަރު ދެން ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި މެލޭޝިޔާގެ އިތުރުން ސިންގަޕޫރު އަދި ޔޫއޭއީ އަށް ދަތުރުކުރާއިރު އެކަންޏެވެ.

މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތާ އަދަދާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާއެވެ.

"މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރު ފައިސާ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1،000 ޑޮލަރު ވިއްކަން ފެށުމާއެކު ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

އަމިއްލަ ހަރަދުގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މިދިޔަ މަހުގެ ނިޔަލަށް 29.2 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު