ޚަބަރު
ގުރައިދޫ މަރުކަޒަށް ވަންނަން ހުއްދަ ނުދިން މައްސަލަ ބަލައިގަނެ، ދިރާސާކުރަނީ
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރާތްކުރުމުގެ ފުރުސަތު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އަށް ހެލްތު މިނިސްޓްރީން ނުދިނުމުން ހުށަހެޅި އިމްތިޔާޒާއި ސުލޫކީ މައްސަލަ މަޖިލީހުގެ އިއްތިފާގުން ބަލައިގެންފިއެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ރިޕޯޓެއް ހަދަން ބޭނުންވާތީ، އެ މަރުކަޒަށް ވަދެވަޑައިގަތުުގެ ހުއްދައަކަށް މެމްބަރު ކުޑޫ އެދިވަޑައިގަތީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް އެކަމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ކުޑޫ ފޮނުއްވި ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ކުޑޫ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވުމުން މައްސަލައަށް ބަހުސްކުރުމާ މެދު ވޯޓަށް އެހި އެވެ. އެ ވޯޓުގައި 55 މެންބަރުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވި އެވެ. މިއަދުގެ ޖަލްސާގައި މައްސަލައަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެއީ ރަނގަޅަށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ. މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން އޭނާ ހުށަހަޅުއްވި އެވެ.

މައްސަލަ ކޮމިޓީއަށް ފޮނުވަން މިއަދު ނެގި ވޯޓުގައި 63 މެންބަރުން އެކަމަށް ތާއިދު ކުރެއްވި އެވެ. މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

"ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ،" ކުޑޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ އަދި އެ މެންބަރަކު ހޯދަން އެދޭ މައުލޫމާތެއް ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު