ކައުންސިލްތައް ކުޑަކުރުމަށް ޕީއެންސީން މަޖިލީހަށް ގަރާރެއް
އަލީ އާމިރު
16 ޖޫން 2025 - 10:19
0 comments
ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.އެ ގާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ. "ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން 5 ކައުންސިލަރުން ތިބެން ކޮންމެހެން ލާޒިމް ކޮށްފައި އޮތުން އެންމެ ރަނގަޅުތޯ އެއީ ވަރަށް ގިނަ ރައްޔިތުންކުރަމުންދާ ސުވާލެކެވެ،" އެ ގަރާރު ފައްޓަވަމުން ޝުޖާއު ވިދާޅުވި އެވެ.ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދާމެދުވެސް އާންމުންގެ ކަންބޮޑުވުން ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
"ކުޑަ ރަށެއްގައި އެންމެ 50 މީހުންގެ އާބާދީއަށްވެސް މުނިސިޕަލް ހިދުމަތް ދިނުމަށް އިންތިހާބުކޮށް ދައުލަތުން މުސާރަދޭންޖެހޭ މަދުވެގެން 5 ކައުންސިލަރުން ތިބެންޖެހުން ފަދަ ކަންކަމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ބޮޑެތި އިސްލާހުތައް ބޭނުންވާ ކަންތައްތަކެއް،" ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެންޖެހޭތޯ ސުވާލު އުފައްދާފަ އެވެ.
"އޭގެ ބަދަލުގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބި ކައުންސިލަރުންނަކީ ސިޓީން އެލަވެންސްއެއް ދޭ ބަޔަކަށް ބަދަލުކޮށްލެވިއްޖެނަމަ އެތައް ގުނައެއް ހަރަދު ކުޑަކުރެވިގެންދާނެ،" ޝުޖާއު ހުށަހެޅުއްވި ގަރާރުގައިވެ އެވެ. ކައުންސިލްތައް ކުޑަ ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލުތައް ހޯދުމަށް ޕީއެންސީން ގަރާރެއް ހުށަހެޅިއިރު، މިދިޔަ އަހަރު ތެރޭ ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެވެ. އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުމަކީ 3،000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ.
ކިޔުންތެރިންގެ ޝުއޫރު