ވިޔަފާރި
އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ފަހުން ފައިދާއެއް
އެމްއެމްޕީއާރުސީގެ އޭޖީއެމް
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ފަހުން، މިދިޔަ އަހަރު ފައިދާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މިއީ މިދިޔަ 4 އަހަރު ތެރޭ އެ ކުންފުންޏަށް ފައިދާ ލިބުނު ފުރަތަމަ ފަހަރެވެ.

އެމްއެމްޕީއާރުސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވާފައިވާއިރު، އެ ކުންފުނިން ބުނީ މިދިޔަ އަހަރު ކުންފުންޏަށް ފައިދާވީ މާލީ ގޮތުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ 2023 ވަނަ އަހަރު އެ ކުންފުންޏަށް 17 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށާއި މިދިޔަ އަހަރު ލިބުނު 27 މިލިއަން ރުފިޔާގެ ފައިދާ އަކީ ކުންފުނީގެ ހިންގުމަށް ގެނައި ހެޔޮ ބަދަލު ފެންނަ ކަމެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މިގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ޚަރަދުތައް 10 ޕަސެންޓް މަދުކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ފިޔަވަޅުތަކުގެ ތެރެއިން، ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދައި، ކުރިން އޮތް 21 އިދާރާ ހަ އިދާރާއަށް މަދުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010ވަނަ އަހަރުގެ މާޗު ހަތަރުވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަވެ ބަނގުރޫޓުވުމުގެ ބިރު އެބަ އޮތެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި މާލީ ގެއްލުމަކަށް ވެއްޓުނީ ކުރީ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު