ޚަބަރު
ފަލަސްތީނު ދައުލަތެއް ގާއިމުކުރުމާ ގުޅޭ އދ.ގެ ގަރާރު ފާސްކޮށްފި
ހަމާސް ޖަމާއަތުގެ ބައިވެރިވުން ނޯންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހަދާފައިވާ "ނިއު ޔޯކް ޑެލްލަރޭޝަން" އަށް ތާއީދުކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފި އެވެ.

މިއީ ފަލަސްތީނާއި އިޒްރޭލު ވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި މި ފަހުން ކުރި އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

މި ގަރާރު ފާސްކޮށްފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް 142 ގައުމުގެ ތާއީދާއެކު އެވެ. ގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓު ދިން އިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. 

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރުމުގައި އދ.ގެ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ އިޒްރޭލުން މި ގަރާރާ ދެކޮޅުހަދައި މިއީ ހަމާސްގެ ހަމަލާގެ ބަދަލުގައި ދޭ އިނާމެއްގެ ގޮތުގައި އައީ ސިފަކުރަމުންނެވެ. ނަމަވެސް ފްރާންސާއި ސައޫދީ އަރަބިއްޔާގެ އިސްނެގުމަށް ހުށަހެޅި ގަރާރުގައި ހަމާސް ކުށްވެރިކޮށް އަދި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމަށް ވެސް ގޮވާލާފައިވެ އެވެ. 

މި ގަރާރުގައި ގޮވާލާފައިވަނީ، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި ފަލަސްތީނުގައި މިނިވަން، އިގްތިސޯދީގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާ ކުރުމަށެވެ. އޭގެ ތެރޭގައި ހަމާސްގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ދައުލަތް ގާއިމުކުރުން ހިމެނެ އެވެ 

މި ގަރާރު ފާސްކޮށްފައި މި ވަނީ ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން ވިދާޅުވެފައިވާ، މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ސަމިޓުގެ ކުރިންނެވެ. ފްރާންސާއި ސައޫދީ ގުޅިގެން އެ ސަމިޓު ބާއްވާއިރު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް އެތައް ގައުމަކުން ވަނީ ބުނެފަ އެވެ. 

މި ގަރާރު ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ގަރާރަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިއްމު ގަރާރެއް ކަމަށާއި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު