ދުނިޔެ
އެމެރިކާއިން ސުލްހައިގެ ބޯޑަށް 10 ބިލިޔަން ޑޮލަރު ދޭނެ ކަމަށް ބުނެފި
ޓްރަމްޕުގެ ''ބޯޑް އޮފް ޕީސް''އަށް އެމެރިކާއިން ދިހަ ބިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ޓްރަމްޕު އިސްވެ ހުންނަވައި އުފެއްދެވި "ބޯޑް އޮފް ޕީސް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕު ވަނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން ޣައްޒާއަށް ފައިސާ އާއި ސިފައިން ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ. އެ ބޯޑުގެ ނުވަ މެންބަރު ގައުމުން ހަތް ބިލިއަން ޑޮލަރު ދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ކަޒަކިސްތާން، އަޒަރުބައިޖާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މޮރޮކޯ، ބަހްރެއިން، ގަތަރު، ސައުދީ އަރަބިއްޔާ، އުޒްބެކިސްތާން އަދި ކުވައިތުންވެސް ޣައްޒާ އަލުން ބިނާކުރުމަށް އެހީވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެގޮތުން ގައުމުތަކުން ޖުމްލަ 6.5 ބިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ވައިޓް ހައުސް ބުންޏެވެ.

މިއީ މުހިންމު ފައިސާ ނަމަވެސް މިއީ އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފަލަސްތީނުގެ ސަރަހައްދު އަލުން ބިނާކުރުމަށް ބޭނުންވާ ކަމަށް ލަފާކުރެވޭ 70 ބިލިއަން ޑޮލަރުގެ ކުޑަ އިންސައްތައެކެވެ.

އެމެރިކާއިން 10 ބިލިޔަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެ ފައިސާ ހޯދާނީ ކޮން ގޮތަކުން ކަމެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ. އަދި އެ ފައިސާ ހޯދާނީ ޤާނޫނު ހަދާ މަޖިލިސް މެދުވެރިކޮށްތޯ ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެ އެވެ.

ބޯޑުގައި އިސްރާއީލުގެ މަންދޫބުން ހިމެނުނު ނަމަވެސް ފަލަސްތީނުގެ މަންދޫބަކު ނުހިމެނޭތީ އެ ބޯޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި ޣައްޒާގެ މައްސަަލަ ނޫން އެހެން މައްސަލަތައް ވެސް އެ ބޯޑަށް ކުުރިއަށް އޮތް ތަނުގައި ބެލިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ، ދުނިޔެއަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އދން ޢަދާ ކުރާ ދައުރަށް ހިޔަނި އެޅިދާނެތީ ގިނަ ބަޔަކު ކަންބޮޑުވެއެވެ. 

އިއްޔެގެ ބައްދަލުވުމަށް 40 އަށް ވުރެ ގިނަ ގައުމާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ އޮފިޝަލުން ފޮނުވާކަން ކަށަވަރުކޮށްދީފައެވެ. ޖަރުމަނާއި އިޓަލީއާއި ނޯވޭއާއި ސްވިޒަލޭންޑް އަދި އިނގިރޭސިވިލާތް ފަދަ ބޯޑުގައި ނުހިމެނޭ އެތައް ގައުމަކުން ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވަމުންދާ ކަމަށް ބުނެފަ އެވެ.

"ބޯޑް އޮފް ޕީސް" ގައި ޓްރަމްޕަށް ވީޓޯގެ ބާރު ދީފައި ވާއިރު ބޯޑުގެ ވެރިކަން އޭނާއަށް އެމެރިކާގެ ރައީސްކަން ގެއްލުނު ކަމުގައި ވިޔަސް ނުގެއްލޭނެއެވެ. އަދި ދާއިމީ މެންބަރުންގެ ގޮތުގައި އެހެން ގައުމުތަކުން ތިބެން ބޭނުންވާ ނަމަ ކޮންމެ ދެ އަހަރަކުން 1 ބިލިއަން ޑޮލަރު ދޭންޖެހޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު