
ޓްރައިބިއުނަލްގެ މެންބަރުންގެ ތެރެއިން ހުސްވާން ކައިރިވެފައިވާ ދެ މަގާމަށް މަހާޒު ހިމެނޭހެން ހަތް ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވާފަ އެވެ. އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބުގެ އެންމެ ކުރީގައި އޮތީ ވެސް މަހާޒުގެ ނަމެވެ.ރައީސް އިސްކަންދެއްވި ގޮތަށް، މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެންމެ މަތިން މާކްސްދީ، މަހާޒު އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް އިއްޔެ ވަނީ ނިންމާފަ އެވެ.މަހާޒަށް ރުހުންދޭން ފެނޭތޯ ބަލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވޯޓުދެއްވީ އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓުދެއްވި އިރު ވަކި ގޮތަކަށް ވޯޓުނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދިނީ އެ ޓްރައިބިއުނަލް އެންމެ ފުރަތަމަ އެކުލަވައިލި އިރު މެންބަރުކަން ކުރެއްވި ބ.ތުޅާދޫ، ގުލްބަހާރުގެ، އިބްރާހީމް އަފީފާއި ދ.މީދޫ އަކިރިވިލާ ޝަވްފާ އިބްރާހީމަށެވެ.ސަރުކާރުގެ ނުފޫޒު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަހާޒު ހިމެނޭހެން ދެ ފަނޑިޔާރަކު ވަކިކުރަން ނިންމީ މިދިޔަ މެއި މަހު ކުރީކޮޅު އެވެ. ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން ބޭރުގެ އެކި ފަރާތްތަކުންނާއި ގާނޫނީ ބޭފުޅުން ސުވާލު އުފައްދަމުންދަނިކޮށް، ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މަހާޒު ވަކިކޮށްފަ ވަނީ މި އަހަހރުގެ މޭ މަހު އެވެ.