ޚަބަރު
ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި
މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާނުލައި، ތާރީހީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިދިޔަ ހުކުރު ދުވަހު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެފައި ވަނީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން މި ރޯދަމަހަށް ފަހު ފަށާނެ ކަމަށެވެ. އެކަމަށް ހިނގާނެ ހަރަދު ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީޑިއާތަކުގައި އެ ޚަބަރު ޖެހުމާ އެކު، ތާރީހު ދިރާސާކުރާ މީހުންނާއި އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހެޅީ އަންނަ ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ހުސައިން ފުރުޝާނެވެ. ފުރުޝާން މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައިވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ހާއްސަވެގެންދަނީ އިނގިރޭސި ހިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާ މި މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ ކަމަށެވެ. އަދި އިނގިރޭސި ހިމާޔަތަށް އޭގެ އެތައް އަހަރެއް ފަހުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ މުހިންމު ހުރިހާ ތަނެއް ނައްތާލެވިފައިވާ ކަމަށާއި އެ މުހިންމު ހަނދާނަކަށް ހަމައެކަނި ފެންނާން ހުރި ބިނާއަކީ މާލޭ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޕެޓިޝަނަކަށް ސޮއި ހަމަކުރުމަށް 42 ދުވަސް ނުވަތަ ހަ ހަފުތާގެ މުއްދަތެއް ލިބޭނެ އެވެ. އީޕެޓިޝަންތަކުގައި އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސޮއި ދެވޭނެ އެވެ. އެ ގޮތުން:

ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށް ގެންދާނީ:

  • މަދުވެގެން 500 ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުން

  • މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ

  • 2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް މައްސަލައެއް ގޮތުގައި ކުރިއަށްދާނެ

އެންމެ ފުރަތަމަ ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ މި ކަމަށް ފާޑުވިދާޅުވުމުން، އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އޭނާއާ ސޯޝަލް މީޑިއާގައި ޒުވާބުކުރައްވައި އެ ތަން ތަޅާލުމުގެ ނިންމެވުން ދިފާއުކުރައްވައިފަ އެވެ.

ނަމަވެސް އޭގެ ފަހުގައި ތާރީހު ހިމާޔަތްކުރުމަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ މީހުން ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާ ފުރާލި އެވެ. އެއާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު