ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް، މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރަނީ
ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.
ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ހއ. ދިއްދޫގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެކުގަ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު އަލީ ވަސީއު އެވެ.ދެވަނަ އެއްބަސްވުމަކީ ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވި އެއްބަސްވުމެކެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިއިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެކެވެ.