ދުނިޔެ
ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ
ހަމާސް ޖަމާއަތުން މިދިޔަ އަހަރު އިޒްރޭލުގެ ރަހީނުންތަކެއް މިނިވަންކުރަން ތައްޔާރުވަނީ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދެ ފަރާތުން ގައިދީން މިނިވަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

ހަމާސް އާއި އިޒްރޭލުން މިކަމަށް އެއްބަސްވިކަން ހާމަކުރެއްވީ ޓްރަމްޕު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މި ހަފްތާ ބަންދުގައި މިސްރަށް ދަތުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ހަމާސްއާއި އިސްރާއީލުން ވެސް ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ކުރިއަށްގެންދަން ފެށިކަން ހާމަކޮށްފައެވެ.

މި އެއްބަސްވުމާ އެކު ޣައްޒާއިން އިސްރާއީލުގެ ސިފައިން ފައިބާނެއެވެ. އަދި، އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރާނެ ކަމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފައެވެ.

އެއްބަސްވުމުގެ މުހިންމު ކަންކަން

● މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ހަމާސް ޖަމާއަތުން އިޒްރޭލުގެ 20 އަސީރުން މިނިވަންކުރާނެ.

● އިޒްރޭލުން ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރާނެ. މީގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނޭނެ.

● މީހުން މިނިވަންކުރުމުގެ ކަންކަން، އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ ފަށާނެ.

● ފުރަތަމަ ފަސް ދުވަސް ތެރޭ ކޮންމެ ދުވަހަކު މަދުވެގެން 400 ޓްރަކްގެ އެހީ ޣައްޒާއަށް އެތެރެކޮށްދޭން ޖެހޭނެ.

● ޣައްޒާ ސިޓީން ނެރެލި މީހުން ވަގުތުން އެނބުރި އައުމަށް ފުރުސަތު ދޭނެ.

● ކަނޑައަޅާފައިވާ ތާވަލެއްގެ ދަށުން އިޒްރޭލު ސިފައިން ޣައްޒާއިން ފައިބަމުންދާން ޖެހޭނެ އަދި މިކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޔަގީންކަން ދޭންޖެހޭނެ.

ޓްރަމްޕުގެ ހުށަހެޅުމުގައިވާ ގޮތުން ޣައްޒާ އަކީ "ޓެރަރިޒަމް ނެތް" ތަނަކަށް ހަދައި ފަލަސްތީނުގެ އާ ސަރުކާރެއް ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތަށް ހަދާނެ އެވެ. އަދި އެގޮތަށް އުފައްދާ ސަރުކާރެއް އެމެރިކާއިން ބަލައިގަނެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި ވެސް ބައިވެރިވާން އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. އަދި ޣައްޒާގެ އާންމުންނަށް ހަނގުރާމައިގެ ސަބަބުން ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ އަލުން ބިނާކުރުން ވެސް ހިމެނެ އެވެ.

ހަމާސް އިން ވަނީ އެއްބަސްވުމަށް އިޒްރޭލުން އަމަލުކުރާކަން ކަށަވަރުކުރުމަށް ޓްރަމްޕަށް ގޮވާލައިފަ އެވެ.

މީގެ ދެ އަހަރު ކުރިން އިޒްރޭލުން ގާޒާ ސުންނާފަތިކުރަން ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލުހިފަން ކަމަށް ބުނެ އެވެ.

އޭގެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އަދި އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާ ވަނީ ބަނޑަށްޖެހި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު