ޚަބަރު
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އައިމިނަތު ޒާހިރަށް
ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅަކަށް، ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.

ގައުމީ ޔުނިވަސިޓީއިން 2019 ވަނަ އަހަރު ފެށި މި ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަ ކުރައްވައި، އައިމިނަތު ސަނަދު ނެންގެވީ އިއްޔެ އެވެ. އެއާއެކު އޭނާ ވެވަޑައިގެންފައިވަނީ ދިވެހި ބަހުގެ ދާއިރާއިން މިހާ މައްޗަށް ކިޔަވާ ވަޑައިގެން ފުރަތަމަ ބޭފުޅާއަށެވެ.

ގއ. ދާންދުއަށް ނިސްބަތްވެ ވަޑައިގެންނަވާ، ކުރީގެ ދިވެހި މުދައްރިސް އޭނާގެ ޕީއެޗްޑީ ތީސީސް ވެސް ލިޔުއްވާފައިވަނީ ދިވެހި ބަހުންނެވެ. 'ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ'ގެ ނަމުގައި އޭނާ ތީސީސް ބިނާ ކުރެއްވީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.

ގައުމީ ޔުނިވަސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައިމިނަތު ޒާހިރު، ދިވެހި ބަހުން ޑިގްރީ ހާސިލް ކުރައްވާފައިވަނީ 2009 ވަނަ އަހަރު އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އާމިނަތު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވުމަކީ ދިވެހި ބަހާއި ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ދިވެހިބަހުގެ މުހިންމުކަމާއި އެފަދަ ކާމިޔާބީތަކުގެ ސަބަބުން ބަހަށް ދިރުމާއި ކުރިއެރުމުގެ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު