ޚަބަރު
ޖެނެރޭޝަނަލް ބޭން އަށް ރާއްޖެ އިން އަމަލުކުރަން ފަށައިފި
ޖެނެރޭޝަން ބޭން އަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް ފައިނުގައި އިއްޔެ ބޭއްވި ހިނގާލުން
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޓަކައި މި ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވީ، މިދިޔަ މޭ މަހުގެ 21ވަނަ ދުވަހެވެ.

ޖެނެރޭޝަނަލް ބޭންއަކީ، ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށް ވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ.

މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކާ ބެހޭ ބަޔަށްވެސް އިސްލާޙު ހުށައަޅާފައިވެއެވެ. އެގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ، ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން އެކަންޏެވެ. އަދި މި އިސްލާހުގެ ދަށުން އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ނުވިއްކޭނެއެވެ. މާނައަކީ، ދުންފަތުގެ ބާވަތް ގަންނަނީ ކާކުކަން ވިޔަފާރިވެރިޔާއަށް އެނގުމެވެ.

މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ވެސް ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

މި ތާރީހީ މި ފިޔަވަޅު ފާހަގަ ކުރުމުގެ ގޮތުން، އިއްޔެ ހަވީރު މާލޭގައި ވަނީ 24 ގަޑިއިރުގެ ދުވުމެއް ފަށާފަ އެވެ. ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ގޮތުން، 'ނެޝެނަލް ޓޯޗް ރަން'ގެ ނަމުގައި، މާފަންނު އެކުވެނި ޓްރެކްގައި މި ދުވުން ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށް ގެންދާ މި ދުވުމުގައި ބައެއް ވަޒީރުންނާއި އެތުލީޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ކުޅިވަރު ކްލަބްތަކުން ބައިވެރިވެ އެވެ.

ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ރާއްޖެ މިހާރު މި އޮތީ މި ފަދަ 'ބޭން'އަކަށް ތައްޔާރުވެފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މި ފަދަ ސިޔާސަތެއް ތަންފީޒުކުރުމަށް އެންމެ މުހިއްމީ ސިޔާސީ ގޮތުން ދޭ އެއްބާރުލުން

  • ސަރުކާރުގެ ހުރިހާ ދިމާއަކުން ވެސް މިހާރު އެކަމަށް އެއްބާރުލުން ލިބޭ. ހުރިހާ ދިމާއަކުން ވެސް ފެންނަނީ، ދުންފަތް ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ގޮތަށް ކަންކަން ތަރުތީބު ކުރާތަން

  • މި ފަދަ ކަމެއް ތަންފީޒު ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ކުރިއަށް އެޅި މުހިއްމު ފިޔަވަޅެއް 

ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި 24 ގަޑިއިރު ދުވުމެއް ބާއްވާއިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިއަދު ހަވީރު ވަނީ ހިނގާލުންތައް ކުރިއަށް ގެންގޮސްފަ އެވެ.

ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން'އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ 'ޖެހިލުންކުޑަ' ނިންމުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު