ޚަބަރު
ދުންފަތް ކޮންޓްރޯލްކުރަން ރާއްޖެއިން ކުރާ މަސައްކަތަށް އެވޯޑެއް
ދުންފަތް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތައް ފާހަގަކޮށް ރާއްޖެއަށް ދިން އެވޯޑާ.
ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ.

މި އެވޯޑު ރާއްޖެއަށް އެރުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ދިރާސާކުރާ، ބައިނަލް އަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ، ގްލޯބަލް ސެންޓާ ފޯ ގުޑް ގަވާނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ) އިންނެވެ. ރާއްޖެއަށް ދިނީ، އެ ޖަމިއިއްޔާއިން ދެމުން އަންނަ "އިންޓެގްރިޓީ އެވޯޑު" އެވެ. 

މި އެވޯޑް ރާއްޖެއަށް ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފްސީޓީސީ)ގެ ގަވާނަންސް ބައްދަލުވުން، ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ. 

ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.ސަލްމާ ރަޝީދެވެ. 

ރާއްޖެއަކީ އެފްސީޓީސީގެ މެންބަރު ގައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހި ވަފުދެއް ބައިވެރިވެ އެވެ.

ދުންފަތް ކޮންޓްރޯލް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.

ރާއްޖޭގައި ވަނީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭންއަށް ވެސް މި މަހުގެ އެކަކުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު