ޚަބަރު
ސަރުކާރުން ބޭނުންވަނީ ޝަރުއީ ނިޒާމު އެއްކޮށް ކޮންޓްރޯލް ކުރަން: ސުއޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު --- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން ބޭނުންވަނީ ޝަރުއީ ނިޒާމު އެއްކޮށް ކޮންޓްރޯލް ކުރަން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވިއިރު، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުން އަންނަކަން ވަނީ އެނގިފައެވެ.

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން ދާއިރު، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މި ކަމާ ގުޅުވައި، ހުސްނުއްސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަރުއީ ދާއިރާގެ ތެރޭ ހިނގަމުން އަންނަ ކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ، ސުޕްރީމް ކޯޓުން ފަނޑިޔާރުންތަކެއް ވަކިކުރުމަށްފަހު, އައްޔަންކުރީ ރައީސަށް ވަފާތެރި، ޝަރުތު ހަމަނުވާ ބޭފުޅުންކަމަށެވެ. އެއަށްފަހު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ހައިކޯޓުގެ އެންމެ ގާބިލު ފަސް ފަނޑިޔާރަކާއި ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަން ސިފަވަނީ، އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ބާރު ފޯރުވައި ކޮންޓްރޯލުކުރުމަށް އިންތިޒާމުކޮށް ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތްގޮތް ހައްގު،" ސުއޫދު ވިދާޅުވި އެވެެ.

ސުއޫދު ވިދާޅުވީ މި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ދައްކާ ސަބަބެއްގެ ގޮތުގައި ބޭނުންކުރާ މައްސަލަތަކަކީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ބޭނުމެއްގައި ހިންގާ ކަންތައްތަކެއް ކަމަށެވެ. މި ތުހުމަތުތަކަކީ ގަސްތުގައި އުފައްދާފައިވާ ދޮގު ތުހުމަތުތަކެއް ކަމަށާއި މިއީ ޝަރުޢީ ދާއިރާގައި ތިއްބެވި މިނިވަން އަޑުތައް ކަނޑުވާލުމަށް ހިންގާ އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު