ޚަބަރު
ތަރައްގީގައި ހޯރަފުށި މިއަދު އޮތީ ބުރެކި ޖެހިފައި: ހޯރަފުށީ ކައުންސިލްގެ ރައީސް
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު - ފޮޓޯ: ހޯރަފުށީ ކައުންސިލް
ތަރައްގީގައި ބުރެކި ޖެހިފައި ހޯރަފުށީގެ ރައްޔިތުން މިހާރު ތިބި ތިބުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މިފަހުން އޮންލައިން ނޫސް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ ހޯރަފުށީ ރައްޔިތުންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ބައެއް ކަމަށާއި "ތަރައްގީ" ހޯރަފުށީގެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ރަށުގައި މިހާރު ހަދާފައިވާ ބޮޓްލިން ޕްލާންޓް އަކީ އެތައް މިލިއަން ރުފިޔާ އެއް ހަރަދު ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެތަން ހުރީ ހުޅުވޭނެ ވަރަށް ތައްޔާރީތައް ވެފައި ކަމަށާއި, އެހެންނަމަވެސް, މި ސަރުކާރު އައި ފަހުން އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.

އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެންމެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. 

އެގޮތުން އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ.   

ރައީސް މުއިއްޒުގެ ސަރުކާރަށް 24 މަސްވެ ފަސް އަހަރުގެ ދައުރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު