ޚަބަރު
ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފި ނަމަ، ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަސްތުވާތަކެތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައިވާ ގޮތުން ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ.

އެއީ؛

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،

މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރަން ޖެހެނީ، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާ ފަނޑިޔާރުންގެ އިއްތިފާގުން މަރުގެ އަދަބު ދޭން ހުކުމް ކުރާ ހާލަތުގައި ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ. އަދި އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކަށާއި މައްސަލައިގެ ކަން ހިނގާފައިވާ ގޮތް އެ ކޯޓުން އަލުން ބަލަން ވާނެ ކަމަށްވެސް ބަޔާން ކުރެ އެވެ.

އެންމެ ފަނޑިޔާރަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދާ ނަމަ، އެ މީހަކަށް ލިބޭނީ ގާނޫނުގައި ވެސް މިިހާރު އޮންނަ އަދަބެވެ. އެއީ އުމުރަށް ޖަލަށްލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު