ޚަބަރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ދުސްތޫރީ ދެ މައްސަލައެއް ކޯޓަށް
މައްސަލަ ހުށަހެޅި ވަކީލުން ކަމަށްވާ އަލީ ހުސައިން އަދި އައިކު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް އިއްޔެ ދެ މައްސަލައެއް ހުށަހަޅައިފި އެވެ. 

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނާއި ވަކީލް އައިކް އަހުމަދު އީސަގެ އިތުރުން ވަކީލް އިބްރާހިމް ޝިޔާމެވެ. 


ރައީސް އޮފީހަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ދެ މައްސަލައަކީ:

  • ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި

  • ހިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށްދިނުމަށް އެދި


ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެެއިނެވެ. އެއީ، ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު ފަހަނައަޅާ ދިޔައިރު، އެ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިނުވާ ކަމަށް ވިދާޅުވެ އެވެ. 

އޭނާ ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތުތައް ފަހަނައަޅާފައިވާތީ، އެ ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.

އެ ބިލު ފާސްކުރުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ 264 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފެރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު