ޚަބަރު
މުސާރައިގެ ބަދަލަށް ހިތްހަމަނުޖެހި ޝަރުއީ ދާއިރާގެ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް
މި މަހުން ފެށިގެން މުސާރައިގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް ކޯޓުތަކުގެ މުވައްޒަފުން ކަޅުހެދުމުގައި މިއަދު އޮފީހަށް ނުކުމެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހައިކޯޓާއި ޑްރަގު ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގަ އެވެ. 

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ލީގަލް އޮފިސަރުންނަށް އޭގެ ފައިދާ ނުފެންނާތީ މީގެ ކުރިން 81 ލީގަލް އޮފިސަރުން ސޮއިކޮށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކަށް ވަނީ ޕެޓިޝަނެއް ފޮނުވައިފަ އެވެ.

އަލަށް ގެނައި ބަދަލުގެ ތެރެއިން ލީގަލް އޮފިސަރުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެ، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުރިއަށް ވުރެ ވެސް ވަނީ ކުޑަވެފަ އެވެ.

ދައުލަތުގެ އެކި އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން މީގެ ކުރިން ހަތަރު ފަންތިއަކަށް ބަހާލާފައިވެ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލުގެ ސަބަބުން މަގާމު ދަށްކޮށް ދެ ފަންތިއަކަށް ވަނީ ބަހާލައިފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށް ވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެ އެވެ. މިހާތަނަށް އަސާސީ މުސާރައިގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެ އެވެ.

އެކަމަކު އާ ފްރޭމްވޯކާ އެކު، މުސާރައިގެ ކުރިއެރުން ލިބިފައިވާ ކަމަށް ސަރުކާރުން ބުންޏަސް ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބުނަނީ އެމީހުންގެ މުސާރަ ކުޑަވިި ކަމަށެވެ. އެ މައްސަލާގައި ޕޭ ކޮމިޝަނުން ބުނެފައި ވަނީ އެއީ ލިމިޓެއް ނެތި ނަގަމުން އައި އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ގެނައި ބަދަލާ އެކު އައި ތަފާތެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު