ޚަބަރު
ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ ބޮޑު ޖޫރިމަނާ އެއް އަންނަ ގަވާއިދެއް!
ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލިފި އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން ބޭނުންކުރަމުން އައި "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު" ވަނީ އުވިފައެވެ.

އެ ގަވާއިދުގެ މަގްސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި މިންގަނޑުތަކެއް ކަނޑައެޅުމާ އެކު އެ ގަވާއިދަށް އަމަލުނުކުރާ މީހުންނަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމެވެ.

ގަވާއިދުގައި ބަޔާންކުރާ ގޮތުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށްފައިވާ ތަކެތި އާ މިންގަނޑަށް ފެއްތުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ހިމެނެ އެވެ. އެގޮތުން:

  • އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10،000ރ. އާއި 750،000ރ.އާ ދެމެދުން ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ލައިސެންސް ހިފަހައްޓައި ރަޖިސްޓްރީ ނުވަތަ ލައިސެންސް ބާތިލުކުރެވޭނެ

  • ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެ؛ ފަސް ފަހަރު ނުވަތަ އެއަށް ވުރެ އިތުރަށް ތަކުރާރުކޮށްފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިހުތިޔާރު ވެސް އެމްއެފްޑީއޭއަށް ވަނީ ދީފައި

  • ކާބޯތަކެތި ބަންދުކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 5،000ރ. އާއި 100،000ރ.އާ ދެމެދުން ޖޫރިމަނާ ކުރެވޭނެ

ޖޫރިމަނާ ކުރެވޭނެ އެންމެ ދަށް އަދި އެންމެ މަތީ އަދަދުތަކެއް ބަޔާންކޮށްފައިވީ ނަމަވެސް، ކުށުގެ ސީރިއަސް ކަމަށް ބެލުމަށް ފަހު ކުށް ކުރާ ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް އޮންނާނެ އެވެ.

އެމްއެފްޑީއޭއިން ބުނީ ގަވައިދާ ހިލާފުވާ މީހުންނަށް އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތި ރައްކާތެރިކުރުމުގެ ގަވައިދާ ހިލާފަށް އެ ތަކެތި އެތެރެކުރުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު