ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯ އިން މިދިޔަ ދެވަނަ ކުއާޓަރުގައި ބާޒާރުގައި ތެލުގެ އަގުމަތިވުން ކޮންޓޯލްކުރަން އެޅި ފިޔަވަޅުތަކާއެކުވެސް ސާފު ފައިދާ އަށް 280 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުން، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 6.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ 97 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ ހުރީ 3.5 ބިލިއަން ރުފިޔާގަ އެވެ.
އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުރީ 163 މިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިއަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާ ވަނީ 116 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ތެލުގެ އަގު އުފުލުމާ ގުޅިގެން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި ތެލުގެ ވިޔަފާރިން ވަކިން ލިބުނު ފައިދާ ދަށްވި ނަމަވެސް، އެހެން ވިޔަފާރިތަކުން ލިބުނު ފައިދާ ވަނީ އިތުރުވެފަ އެވެ.
އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 276 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި ކުންފުނީގެ އާމްދަނީ އިތުރުވި އިރު ހަރަދުތައް ވެސް ވަނީ 117 ޕަސެންޓަށް އިތުރުވެފަ އެވެ. މި އަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހު 6.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުނީގެ ހަރަދުތަކަށް ހޭދަވީ 2.9 ބިލިއަން ރުފިޔާ އެވެ.