އަލްޓްރާ ސައުންޑު ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތުކެއާގެ ޕޯޓަބަލް ސްކޭނެއް އެސްޓީއޯއިން ރޭ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފުލާގައި މިޑިވައިސް ތައާރަފުކޮށް ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް އަދި "ޖީއީ ހެލްތުކެއާ" ގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.
ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ދެމުންދިޔަ ސްކޭން ހިދުމަތުގެ ބަދަލުގައި، ބަލިމީހާއާ ވީހާވެސް ކައިރިން ހިދުމަތް ދިނުމުގައި އަލަށް ތައާރަފު ކުރެވުނު މިމޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.އެ މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅައިގެން ސްކޭންކޮށް، އިމޭޖްތައް ޝެއާ ކުރެވޭނެ އެވެ.
އެ ކުންފުނިން ބުނީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގުބޫލު ޖީއީ ހެލްތުކެއާގެ ސްކޭން މެޝިން ސާވިސްކޮށް ހަރުދަނާކުރަން ކޮންމެ މޮޑެލްއަކަށް ހާއްސަ އިންޖީނިއަރެއް ތަމްރީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްއާރުއައި އާއި ސީޓީ އާއި މެމޮގްރަފީ އަދި އަލްޓްރާ ސައުންޑު ފަދަ ކޮންމެ މެޑެލްއަކަށް ސެޓިފައިޑް އިންޖީނިއަރުން އެބަތިއްބެވެ.
އެ ޑިވައިސްއަކީ ދިވެހިންނާ ހަމައަށް އީޖާދީ އުފެއްދުންތައް ގެނެސްދިނުމަށް ކެނޑިނޭޅި ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.