
ކެއްސާތީ ބޯ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕު ވިއްކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މަނާކުރި އެވެ. އެކަމަކު އެފަހަރު ވެސް އެ ބޭހުން ކުނޑިތަކެއް ފެނިގެން، އިތުރު ޓެސްޓްތަކެއް ހެދިޔަސް އޭގައި މައްސަލައެއް ނެތް ކަމަށް ނިންމައި އޭރު ވަނީ ބޭސް ބޭނުންކުރަން އަލުން ހުއްދަ ދީފަ އެވެ.މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.އެހެންވެ، މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.މިބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެ އެފަދަ ރިޕޯޓެއް އެމްއެފްޑީއޭއަށް ލިބިފައިނުވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.