
ބީއެމްއެލްއިން ވަނީ މި ފެސިލިޓީއަށް އަނބުރާ ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި ބަނުމަށާއި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދުތަކަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށް ވެސް އެ ލޯނު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.މީގެ ސަބަބުން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.ބީއެމްއެލްއިން ބުނީ މި ފެސިލިޓީއަކީ ރާއްޖޭގައި މި ވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެއް ކަމަށެވެ.މީގެ އިތުރުން މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ ދާއިރާގެ ޕީކް ސީޒަނާއި އޮފް ޕީކް ސީޒަނަށް ބަލައިގެންނެވެ.އޭގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭއިރު، މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.ބީއެމްއެލްގެ ސީއީއޯ//އެމޑީ މުހައްމަދު ޝަރީފު ވިދާޅުވީ ލިވަބޯޑް އުޅަނދުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. އެހެންވެ އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުން ވަނީ، އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް ކަމަށް ވިދާޅުވި އެވެ."ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ހިދުމަތަކީ، މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ހަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެއް. މީގެ ސަބަބުން، އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ. "މިއީ ދިވެހި އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް."