ޚަބަރު
ހުޅުމާލޭގެ ރައްކާތެރިކަން ބަލަހައްޓަން ސެކިއުރިޓީގެ ހިދުމަތް ތައާރަފުކޮށްފި
ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެސްޓޭޓް ސެކިޔުރިޓީ ސާވިސްގެ ނަމުގައި ހިދުމަތެއް ލޯންޗުކޮށްފި އެވެ.

އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަރުކޮޅުފުށީގައި ރޭ ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ ހިދުމަތެއް ފަށާފައިވާ ކަމަށެވެ.

"އެސްޓޭޓް ސެކިއުރިޓީ ސާވިސް"ގެ ނަމުގައި ފެށި އެ ހިދުމަތަކީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފެށި ހިދުމަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީ އިން ބުނީ އެސްޓޭޓު ސެކިޔުރިޓީ ސާވިސްގެ ނަމުގައި ހިދުމަތެއް ތައާފަރު ކުރީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

މިއާ އެކު ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށްއެ ކުންފުނިން ބުންޏެވެ. އަދި ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާ އެކު މޮނިޓާ ކުރެވޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގައި މިހާރު ވެސް ސެކިއުރިޓީ ބަލަހައްޓަން އެ ކުންފުނީގެ މުވައްޒަފުން ތިބެ އެވެ.

މާލޭގެ އާންމު ތަންތަނުގެ ރައްކާތެރިކަން ބަލަހައްޓައި ފާރަވެރިވުމަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކޮމިއުނިޓީ އެންގޭޖުމަންޓް އޮފިސަރުންގެ ނަމުގައި މި ބާވަތުގެ ހިދުމަތެއް ތައާރަފުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު