ޚަބަރު
ސިނގިރޭޓް ވައްކަމުގެ ފައިސާ ހަރަދުކުރީ ޖުވާ ކުޅެން: ނާޒިމް
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހިމެނޭ މީހުން ފައިސާ ހަރަދު ކުރީ ޖުވާ ކުޅެން ކަމަށާއި، އެ ފައިސަ ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ކުށަކަށް ހަދައި، އެ ކުށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އަންނަ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ޖުވާ ކުޅުމަށް ބޭނުންކުރި އެ ފައިސާ މިހާރު ގެއްލިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޖުވާ ކުޅޭ ވެބްސައިޓްތަކަށް ވަނުމާއި، ބެޓް ކުރުމާއި، ޖުވާ ކުޅުމުގެ ކަންކަން ހުއްޓުވުމަށްޓަކައި ބޭންކުތަކުގެ ކާޑުތައް ވެސް އެފަދަ ކަންކަމުގައި ބޭނުން ނުކުރެވޭ ގޮތް ހަދަމުން އަންނަ ކަމަށެެވެ. އަދި މި ބިލްގެ ބޭނުމަކީ މިފަދަ މައްސަލަތައް ގާނޫނީ ގޮތުން ފިޔަވަޅު އަޅައި، ހައްލެއް ގެނެސްދިނުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އޭގެ މާނާއަކީ، ބެޓް ކުރުމައި ޖުވާ ކުޅުމުގެ ކަންތައްތައް މި ހިނގާ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތަކެއްވެސް އެބަ ހުއްޓޭ. ރާއްޖޭގައި ބޭންކްތަަށް އެ މުއާމަލާތްތައް ނުހޯދޭވަރުގެ ކުދިކުދި އަަދަދުތަކުން އެ ކުޅޭ ފަރާތްތަކުގެ އެކައުންޓްތަކަށް އެ ކުންފުނިތަކުން ޖަމާ ކޮށްދެމުން ގެންގޮސްފައިވޭ،". ނާޒިމް ވިދާޅުވި އެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ.

ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިންކޮށް ގޭމްތަކުންނާއި އެހެނިހެން ގޮތްގޮތުން ޖުވާ ކުޅުން އިތުރުވެފައިވާތީ ފަަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އޭގެ ސަބަބުން މާލީ ގެއްލުންތައް ލިބެމުން ދިޔަ ނަމަވެސް މިހާތަނަށް ޖުވާ ކުޅުމަށް ގާނޫނުލްއުގޫބާތުގައި އަދަބެއް ކަނޑައަޅައިފައިނު ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު