
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސުލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެން އެ ދެމީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި އެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ."މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި. މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި. އެހެންވީމާ، 10.5 މިލިއަން އާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓްކޮށްފައި މި ވަނީ. އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ" ނާޒިމް ވިދާޅުވި އެވެ.ދާއޫދުއަށް ލިބުނު ފައިސާއިން 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ ކަމަށާއި އެ މުދަލަކީ އެމްއެމްޕީއާރުސީގެ ފައިސާއިން ގަނެފައިވާ މުދާ ކަމަށް ބެލެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.ދާއޫދުއާ ގުޅޭ ގޮތުން އެ ރިޕޯޓުގައި ދެން ހުރި ކަންކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސިއްރު ރިޕޯޓަކުން ނަގާފައިވާ މައުލޫމާތުތަކަށް ވާތީ އެ މައުލޫމާތު މިއަދު ނާޒިމް ހިއްސާއެއް ނުކުރައްވަ އެވެ.މުހައްމަދު ދާއޫދު އަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. ނަމަވެސް ކޯޓަށް މަރުހަލާގައި އޭނާއަށް ވަނީ ކާމިޔާބުވެފަ އެވެ. އޭރު ދާއޫދު ހުންނެވީ ސުޕްރިޑެންޓް އޮފް ޕޮލިސްގެ މަގާމުގަ އެވެ.އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އޭނާ ޕްރޮމޯޓު ކޮށްދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17، ގަ އެވެ.