އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އަދި އާންމު މެމްބަރެއް ކަމަށްވާ އިކްރާމް އަބްދުއްސައްތާރު ކުރިމަތިލައްވައިފި އެވެ. 
އެ މަގާމަށް ކުރިމަތިލާން މިދިޔަ މަހުގެ 29 ގައި ހުޅުވާލައި އިއްޔެ އަށް މުއްދަތު ހަމަވި އިރު، ކުރިމަތިލެއްވީ އަދާލަތު ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާނާއި އިކްރާމް އަބްދުއްސައްތާރެވެ.
ޝިފާންގެ ނައިބު ރައީސެއްގެ ގޮތަށް ހުށަހަޅާފައި ވަނީ އަބްދުﷲ އެވެ. އަދި އިކްރާމްގެ ނައިބެއްގެ ގޮތަށް ހުށަހަޅާފައި ވަނީ މުހައްމަދު މުއްތަލިބު އެވެ.އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި ސިއްރު ވޯޓެއް ނަގާނެ އެވެ. އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް އެ ވޯޓު ނަގަން ވަނީ ނިންމައިފަ އެވެ.