ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ.
އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރަންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.އަދާލަތު ޕާޓީން މިރޭ ބުނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ގައުމާއި ރައްޔިތުންގެ މަޞްލަހަތަށް ރިއާޔަތްކޮށް، "ފެންނަކަމަށް" ވޯޓު ދެއްވުމަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައި ކަމަށެވެ.މި ނިންމުން ނިންމީ މަޝްވަރާ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.ދެ އިންތިހާބު އެއްކޮށްލާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ. ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ ތާއީދު އޮތީ އެއްދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީީން ދެކެނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ "ގޯހެއް"ގެ ގޮތުގައި އެވެ.