ހުނައިދާ ޔާސިރު
16 ނޮވެމްބަރ 2026 - 22:49
0 comments
ރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހަދަން، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީގެ ސާހް ގުރޫޕާއެކު ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ސަރުކާރާއި އެސްޓީއޯ އާއި އަބޫދާބީގެ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ އެކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، އެއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އާއި އިގުތިސާދީ މައި މަރުކަޒެއް ގާއިމް ކުރުމަށް މިދިޔަ ދިގު މުއްދަތުގައި ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބޭ ބާރެއް ކަމަށެވެ.އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ އެވެ.ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.އިގްތިސާދީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ. އަދި "ވިޝަން 2040" ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގްތިސާދު އެހެން ދާއިރާތަކަށް ސިންދަފާތުކުރުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.