ޚަބަރު
40 މީޑިއާއަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފި
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ސާޅީސް މީޑިއާއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން މި މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފަ އެވެ.

އެގޮތުން 40 މީޑިއާއަކަށް 27،295،532.69ރ. މިހާރު ޖަމާކޮށްފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.

މީޑިއާތަކަށް ބަޖެޓުން ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ފާހަގަކުރެވޭ ގޮތުގައި، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކުރާތީ، ސޯޝަލް މީޑިއާގައި އިދިކޮޅު ފިކުރުތަކުގެ ބައެއް ސިޔާސީ މީހުން ވަރަށް ފަހުން ވަނީ ފާޑުކިޔާފައެވެ.

އޭރު ގިނަ ބަޔަކު ނުރުހުން ފާޅުކުރީ، ބޭސް ނުލިބޭ މައްސަލައާއި ދަރިވަރުންގެ ފައިސާގެ ކަންކަން ލަސްވާ މައްސަލަ ބޮޑުވެފައި އޮއްވައި ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު