ޚަބަރު
މެދުއިރުމަތީގެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، ހާލަތުގެ އަސަރުތައް ކުޑަކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފަ އެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފަ އެވެ.

'އޭވިއޭޓާސް މޯލްޑިވްސް'އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖެ އަންނަން މިއަދު ހަމަޖެހިފައި އޮތް 12 ފުލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ކުރިއަށްދަނީ ތާވަލާ އެއްގޮތަށެވެ.

މީގެ އިތުރުން މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިތުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު