ސްވައިޕް އައްޑުއަށް ތައާރަފުކުރުން: މަދު ދުވަސްކޮޅެއް ތެރޭ އައްޑޫން ސްވައިޕަށް ބޮޑު ތަރުހީބެއް ލިބިފަ
ވިޔަފާރިތަކާއި ޓޫރިސްޓުން އަދި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫގައި ރޭ އިފުތިތާހު ކޮށްފި އެވެ. 
ރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕްގެ ހިދުމަތް އެ ތޮޅުގައި ތައާރަފުކުރި އިރު އައްޑޫގެ ގިނަ ވިޔަފާރިތަކުން މިހާރު ސްވައިޕްގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.އެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އިގްތިސޯދެއް ގާއިމްކުރުމަށް އޮތް އެންމެ މުހިއްމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމެންޓް ނިޒާމެއް ގާއިމްކުރުން ކަމަށެވެ.ރާއްޖެ އަށް ބޭނުންވާ ޕޭމެންޓު ނިޒާމަކީ ސްވައިޕް ކަމަށާއި ސްވައިޕް އަކީ %100 ދިވެހިން އުފައްދާފައިވާ ދިވެހިންގެ އުފެއްދުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ."މިދިޔަ ހަފުތާގައި އައިޓީބީ ބާލިންގެ ތެރެއިން މި ވޮލެޓު ލޯންޗު ކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ފައިދާތަކެއް ލިބޭނެ ވޮލެޓެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްގެ މެންޑޭޓަކީ ސްވައިޕް ފަދަ މާލީ ހިދުމަތްތަކާ އެކު، ދިވެހިންގެ އިގުތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެހީތެރިވެދިނުން ކަމަށެވެ.