ޚަބަރު
ތެލަށް ޖެހިދާނެތީ ފިޔަވަޅު އަޅަން ނަޝީދު ގޮވާލައްވައިފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގިނަ ގައުމުތަކުން ތެޔޮ ލިބުން ދަތިވެ، އޭޝިއާގެ ބައެއް ގައުމުތަކުގައި ދަނީ ތެލުގެ ހަރަދު ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖެއިންވެސް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު ވަނީ 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފަ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ރައްކާ ކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ. އެއީ އެންމެ 20 ދުވަހުގެ ސްޓޮކެއް ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ތެލަށް ޖެހުމުގެ ކުރިން އެޅިދާނެ ބައެއް ފިޔަވަޅުތަކެއް ވެސް ހީއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިވަގުތު ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަނެ، ކަރަންޓު ކަނޑާ ގަޑި ކަނޑައަޅައި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލްކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އިޖުތިމާއީ ހަރަކާތްތައް މަދުކޮށް، މަސްވެރިކަމާއި ރިސޯޓްތަކަށް ތެޔޮ ކަށަވަރުކޮށް، އޭވިއޭޝަން ފިއުލް ކަށަވަރުކޮށް، ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާ ބޯޓު އަދި ކަނޑު ބޯޓުފަހަރުގެ ރޫޓްތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހަނގުރާމައިގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު