
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެޕްރީލް ހަތަރެއްގައި ނަގާނެ އެވެ. އެ ވޯޓުގައި ފެންނަ ކަމަށް ގިނަ ރައްޔިތުން ވޯޓު ދީފިނަމަ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް މަދުވާނެ އެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށެވެ.ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އެއްވެސް އިސްލާހަކީ އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްދާ ކަމަކަށް ވާންޖެހޭ ކަމަށެވެ."އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު އިލްތިމާސްކުރަން،" ނަޝީދު ވިދާޅުވި އެވެ.ރާއްޖެއިން ތެލުގެ އެހީތެރިކަމަށް އިންޑިއާގައި އެދިފައިވާކަން އެނގޭކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަމަށް އެދޭއިރު ރާއްޖެއަކީ ޒިންމާދާރު ބައެއްކަން ވެސް ސާބިތުކޮށްދޭންޖެހޭ ކަމަށެވެ.އެގޮތުން ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ. އެ ގޮތުން، ގާނޫނުއަސާސީ އަށް ގެންނަ ކޮންމެ އިސްލާހެއް ގެންނަންވާނީ އަވަސް އަރުވާލުމުގެ ބަދަލުގައި، އެންމެހާ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.އަވަސް އަރުވާލައިގެން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ކުޅިވަރަކަށް ހަދައިގެން ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ސަރުކާރުން މަސައްކަތް ކުރަނީ، ހީލަތްތެރި ރޭވުންތަކެއްގެ ދަށުން ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށްކަމަށް އިދުކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.