މަރިޔަމް އަނާ
28 ފެބުރުއަރީ 2026 - 14:13
0 comments
މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ރާއްޖެއާ އެކު ބާއްވާ ސިޔާސީ ގުޅުންތައް ކަނޑާލަން ނިންމުމުން، އެ ގައުމާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށާއި ނަމަވެސް ރާއްޖެ ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"އެހެނަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ،" އެ ކުރު މެސެޖުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.
ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ އެކު، ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލުމަށް ނިންމި ނިންމުމަކީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ފެބްރުއަރީ 5، ގަ އެވެ.ރައީސް މުއިއްޒު ވިދާޅުވީ، ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ބަޔަކީީ ރާއްޖޭގެ ބައެއް ކަމަށެވެ. އަދި އެތަން ދިވެހި ސަރުކާރުން ބަލަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ."ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.